ދީލަތިކަމުން އެކަކު އަނެކަކަށް އެހީއެއް ފޯރުކޮށްދިނުމަކީ ވަރަށް ވެސް ރީތި އާދައެކެވެ. ޚާއްސަކޮށް ފޯރުންތެރި ދީލަތި މީހުން، އެފަދަ ފުދުންތެރިކަމެއް ނެތް ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ އެބައެއްގެ ދިރިއުޅުމަށް ނުހަނު ގިނަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ. ތިމާއަށް ލިބޭ އެއްޗަކުން އެހެންމީހުންނަށް ޞަދަގާތް ކޮށްގެން އުޅުމަކީ އަޅުގަނޑުމެންގެ މާތްވީ އިސްލާމް ދީނުގައިވެސް ބާރުއަޅައި އަދި އޭގެ ހެޔޮ ޖަޒާ ފަހުދުނިޔޭގައި ވެސް ތިމާއަށް ލިބިގެންދާނެ ކަމެކެވެ.
ތިރީގައިމިވާ އިބުރަތްތެރި ވާހަކައިން ވެސް އެކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.
އެއްދުވަހަކު އަންހެނަކު ޢާއިޝާ ރަޞިއަﷲ އަންހާގެ އަރިހަށް ޒިޔާރަތެއް ކުރިއެވެ. ނަމަވެސް އެ އަންހެން މީހާގެ އަތް ވަނީ ވާ ވެފައެވެ.
އެ އަންހެން މީހާ އާއިޝާ ރަޞިއަﷲ އަންހާ އަރިހު ދެންނެވިއެވެ.
”އޭ މާތް ކަމަނާއެވެ. އަހުރެން ރޭގައި ނިދަން އޮށޯތްއިރު އަހުރެން ހުރީ ހެޔޮ ހާލުގައެވެ. ދެއަތް ވެސް ހުރީ ސަލާމަތުންނެވެ. ނަމަވެސް މިއަދު ހެނދުނު ހޭލެވުނުއިރު ހުރީ ދެއަތް ވާ ވެފައެވެ.“
އެއީ ކިހިނެއްވީ ކަމެއްތޯ އާއިޝާގެފާނު ސުވާލު ކުރެއްވިއެވެ.
”އަހުރެންގެ މައިންބަފައިންނަކީ ނުހަނު ފޯރާ ތަނަވަސް ބައެކެވެ. އަހުރެންގެ ބައްޕަ ފަގީރުންނާއި މިސްކީނުންނަށް ޒަކާތްދީ، އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ ވެސް ހެދިއެވެ. ބައްޕައަކީ ދީލަތިމީހެކެވެ. ނަމަވެސް އަހުރެންގެ މަންމަ އޭގެ އިދިކޮޅެވެ. ދީލަތިކަމުގެ އަތެއް އެއްވެސް ވަރަކަށް މަންމަ ދިއްކޮށެއް ނުލައެވެ. އަހުރެންގެ ބައްޕަ ނިޔާވިއެވެ. އަދި އޭގެ ދެ މަސް ފަހުން މަންމަ ވެސް މިދުނިޔެއާ އަލްވަދާއު ކިއެވެ.
ރޭގައި އަހުރެންނަށް އަހުރެންގެ ބައްޕަ ހުވަފެނުން ފެނުނެވެ. ބައްޕަގެ މޫނުމަތިން ފެންނަނީ އުޖާލާކަމާއި އުފާވެރިކަމެވެ. ބައްޕަ ލައިގެން ހުރީ ރީނދޫ ކުލައިގެ އައްނައުނެކެވެ. އަދި ބައްޕަގެ ކުރިމަތީގައި ފެންކޯރެއް ހުއްޓެވެ. ބައްޕަ އަހުރެންގާތު ބުނީ މިދުނިޔޭގައި ހެޔޮ ޢަމަލެއް ކޮށްފި މީހަކަށް އޭގެ ހެޔޮކަން ފަހު ދުނިޔޭގައި ވެސް ފެންނާނެ ކަމަށާއި އެހެންކަމުން އެކޯރަކީ މާތް ﷲ ބައްޕާފުޅަށް ދެއްވި އެއްޗެއް ކަމަށެވެ. އަހަންނަށް މަންމަ ނުފެނުމުން، މަންމަ ކޮބައިތޯ ސުވާލު ކުރީމެވެ. މަންމަ ނިޔާވީތޯ ބައްޕަ ހައިރާންކަމާއެކު ސުވާލު ކުރިއެވެ. ޖަވާބުގައި އާނ އެކޭ ބުނުމުން ބައްޕަ ބުނީ، މަންމަވީ އެހެންވީރު ބައްޕައާ ދުރުގައި ކަމަށާއި އަހުރެންގެ ވާތް ފަރާތަށް އެނބުރި މަންމަ ހޯދަން ދިޔުމަށެވެ.
ބައްޕަ އެބުނިހެން އަހުރެން ހެދީމެވެ. އަހުރެންނަށް ފެނުނީ އަހުރެންގެ މަންމަ ވަރަށް ނިކަމެތި ހާލެއްގައި މާޔޫސްކަމާއެކު ހުރިތަނެވެ. މަންމަގެ ހަށިގަނޑުގައި އެއްވެސް އައްނައުނެއް ނެތެވެ. ނަމަވެސް ބައުވެފައި އޮތް ކުޑަ ރަޖާގަނޑަކުން މަންމަގެ ހަށިގަނޑުގެ ތިރީކޮޅު ނިވާކުރިއެވެ. މަންމަގެ އަތުގައި އޮތީ ހަމައެކަނި ކުޑަ ގިތެޔޮ ކޮޅެކެވެ. ވަރުބަލިވުމުން މަންމަ އެ ގިތެޔޮކޮޅުގައި ދޫ ކާތާލައެވެ.
އަހުރެން މަންމަ ކައިރީ ބުނީމެވެ. މަންމަގެ ކުރިމަތީގައި ފެންކޯރެއް އެއޮތީ ނޫންހެއްޔެވެ. އޭގެން ފެން ނުބޮނީ ކީއްވެ ހެއްޔެވެ. ޖަވާބުގައި މަންމަ ބުނީ އެކޯރުން ފެން ބޯން މަންމައަށް ވަނީ މަނާ ކޮށްފައި ކަމަށެވެ. އަހުރެން ބުނީމެވެ. އެހެންވީރު އަހުރެންގެ އަތުން މަންމައަށް ފެންފޮދެއް ދެން ހެއްޔެވެ. އާނ އެކޭ މަންމަ ބުނުމުން، އަހުރެން އެފަދައިން ކަންތައް ކުރީމެވެ.
އެވަގުތު އަހުރެންގެ ކަނާތުން އަހުރެންނަށް އިވުނީ މީހަކު ވަރަށް ބާރަށް ބުނި އަޑެވެ.
’މި އަންހެނާއަށް ކޯރުން ފެން ދިން މީހެއްގެ ދެ އަތް ވާ ވާހުއްޓެވެ.‘ މިހެން ދެ ފަހަރަށް ބުނި އަޑު އިވިގެން އަހުރެން ނިދިން ހޭލިއިރު އަހުރެންގެ ދެ އަތް ހުރީ މިހެންނެވެ.“
އޭނާގެ ވާހަކަ ނިމުމުން އާއިޝާގެފާނު ސުވާލު ކުރެއްވިއެވެ.
”މަންމަގެ އަތުގައި އޮތް ރަޖާގަނޑަކީ ކުރިން ފެނުނު ރަޖާގަނޑެއް ހެއްޔެވެ.“
ޖަވާބުގައި އަންހެން މީހާ ބުނީ، އެ ރަޖާގަނޑަކީ އެއްދުވަހު މަންމަ ކައިރިއަށް ސަލާންޖަހާ މީހަކު ގޮސް އެއްޗެއް ދިނުމަށް އެދުމުން މަންމަ އެމީހާއަށް ދިން ރަޖާގަނޑެއް ކަމަށެވެ. އަދި މަންމަގެ އަތުގައި އޮތް ގިތެޔޮކޮޅަނީ އޭނާގެ ބައްޕަ އެއްދުވަހު ފުއްލާއެއް ކަތިލާ އޭގެ މަސް ފިހުމުން، މަސްކޮޅެއް ބަލާ ސަލާން ޖަހާ މީހަކު އައުމުން އެމީހާއަށް މަންމަ ދިން ފުއްލާގެ ކަށިކޮޅުގައި ހޭކިފައިހުރި ގިތެޔޮކޮޅެއްކަން ވެސް އެނގޭ ކަމަށެވެ.
އަންހެންމީހާގެ ވާހަކަ އަޑުއަހާފައި އާއިޝާގެފާނު ނުހަނު އަސަރާއެކު ބުންޏެވެ.
”ހަމަކަށަވަރުން ﷲ އީ ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ކުޑަ ޒައްރެއްގެ މިންވަރަށް ވެސް ހެޔޮ ޢަމަލެއް ކޮށްފި މީހާ އެކަން ދެކޭ ހުއްޓެވެ. އަދި ޒައްރެއްގެ މިންވަރަށް ވެސް ނުބައި ކަމެއް ކޮށްފި މީހާވެސް އެކަން ދެކޭ ހުއްޓެވެ.“
މަސްދަރު: ޢަބްދުއްރަހްމާން.އޯގް


