މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.
މިމަޝްރޫއަކީ މާލެ ސިޓީ މޭޔަރުގެ މަގާމުގައި ހުންނެވިއިރު ރައީސް ޑރ. މުޢިއްޒު ފެއްޓެވި މިމަޝްރޫއެކެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ އެކައުންސިލުގެ ބެލުމުގެ ދަށުގައިވާ އާސަހަރާ މިސްކިތާއި، ޖަނާޒާގެ ކަންތައް ކުރުމަށް ހަމަޖެހިފައިވާ އިމާރާތް އަލުން ބޮޑުކޮށް، ޖަނާޒާގެ ކަންތައް ތަނަވަސް ކަމާއެކީ ކުރެވޭނެ ގޮތައް އިންތިޒާމުތައް ހަމަޖެހި، މިއަދުން ފެށިގެން މިހިދުމަތްތައް ކުރިއަށްވުރެއް ފުރިހަމައަށް ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އާސަހަރާ މިސްކިތް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވަނީ ސަހަރާއަށް ބޮޑު ހޭދައެއް ކުރަން ޖެހުނުކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން، އާސަހަރާގެ މަސައްކަތްކުރަން ފުރަތަމަ ހަވާލުކުރި ކުންފުންޏަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށާއި ދެވަނައަށް ހަވާލުކުރި ކުންފުންޏަށް ވެސް ހަމަ އެ މަސައްކަތްކުރަން ފަސް މިލިއަން ރުފިޔާ ހޭދަވި ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ފިނިޝިން މަސައްކަތްކުރަން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ 2.7 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މި މަހުގެ ހަވަނަ ދުވަހު މިސްކިތުގެ ފުރަތަމަ ފަންގިފިލާ ހުޅުވާފައިވާއިރު، ސަހަރާ އެއްކޮށް ނުނިމި ހުރުމުގެ ސަބަބުން އާސަހަރާގައި ކަށުނަމާދުގެ ކަންކަމެއް ނުކުރެއެވެ. އެހެންނަމަވެސް މިއަދު ރަސްމީކޮށް އާސަހަރާ މިސްކިތް ހުޅުވުމުން މާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް މީގެ ފަހުން ބާއްވާނީ މާލޭގެ އާސަހަރާ މިސްކިތުގައެވެ.
ޒަމާނީ ފެންވަރަށް އާސަހަރާ ތަރައްގީކޮށް މިއަދު ހުޅުވާފައިވާއިރު އާސަހަރާ 3200 އަކަފޫޓު ވަނީ ބޮޑުކުރެވި، ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުރެއެވެ. މީގެއިތުރުން، ސަހަރާގެ ފަހަތު ގޭޓުން އެމްބިއުލެންސް ވަންނަ ގޮތަށް ބަދަލުކޮށްފައިވާއިރު، ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ވެސް ވަނީ ތަރައްގީ ކޮށްފަ އެވެ. ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުރުމުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ފަދަ ފާޚާނާއެއް ވެސް ތަރައްގީ ކުރެވިފައެވެ.




