އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވައިފައިވާ ކަމަށާއި ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ގެވެށިއަނިޔާގެ މައްޗަށް އަލިއަޅުވާލާ ހުކުރު ޚުތުބާގައި ބުނެފައި ވަނީ ގެވެށިއަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތައް ކަމަށެވެ.
މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭނެކަމަށްވެސް ޚުތުބާގައި ބުނެފައިވެ އެވެ. އަދި އެކަނބަލުންނަށް އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި، ހިމެނޭކަމެއްކަމަށް ވެސް ބުނެފައިވެއެވެ.
”ކީރިތި ރަސޫލާ ﷺ ދުވަހަކު ވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައެއް ނުވެއެވެ. އިތުރު އެކަލޭގެފާނުގެ އެންމެ ފަހު ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި، އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރައްވައިފައި ވެއެވެ“. ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، ގެވެށި އަނިޔާއަކީ ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާ އެކަނި ނޫން ކަމަށާއި އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ އަނިޔާއަކީ ވެސް ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ގެވެށިއަނިޔާގެ ސަބަބުން ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމާއި، ޖަދަލުކުރުމުގެ ސަބަބުން ދަރީންނަށް ނަފްސާނީގޮތުން އަނިޔާލިބި، އެ ކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވެގެންދާ ކަމަށާއި އެކަމުގެ ސަބަބުން ދަރީންގެ ބަސްމަގު ހުތުރުވެ، އެ ކުދީންގެ ކުރިމަތީގައި މައިންބަފައިންގެ އަގުވެއްޓި، މައިންބަފައިންނަށް ނުކިޔަމަންތެރިވާކަމަށް ވެސް ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ގެވެށިއަނިޔާގެ ރޯގާ އަހަރުމެންގެ ތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުންނެވެ.
ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުޢާމަލާތުކުރަނީ އަޚްލާޤު ރިވެތި، ޢިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށާއި ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށް ޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އެހެނަމަވެސް، މިފަދައިން އަމަލުކުރުމުގެ ނަތީޖާއަކީ އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫންކަމަށާއި ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމަށް ވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ގެވެށިއަނިޔާއަށް އަރައިގަނެވޭ ބައެއް ސަބަބުތަކުގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި:
- އީމާންކަން ބަލިކަށިވުން: އީމާންކަން ނެތިއްޖެ ނަމަ، ލަދުވެތިކަމެއް ނުއޮންނާނެތެވެ. ލަދުވެތިކަން ނެތިއްޖެ ނަމަ، އެއްވެސް ނުބައި ކަމަކަށް އަރައިގަތުމުގައި ފަހަކަށް ނުޖެހޭނެތެވެ.
- މަސްތުވާ ތަކެތި: މަސްތުވާ ތަކެއްޗަކީ ހުރިހައި ނުބައިކަމެއްގެ އަސާސެވެ. މަސްތުވާތަކެތީގެ ސަބަބުން މީހާގެ އީމާންކަން ބަލިކަށިވާނެއެވެ. މަސްތުވާތަކެތީގެ ސަބަބުން ޝައިޠާނާގެ ޝިކާރައަކަށް އިންސާނާ ވާނެއެވެ.
ނިންމާލަމުން މިއަދު ޚުތުބާގައި ގެވެށިއަނިޔާގެ ސަބަބުން، އިޖުތިމާޢީ ފޭރާން ހަލާކުވެ، މުޖުތަމަޢު ވިއްސިވިހާލިވާ ތަން ބަލަން ތިބެގެންނެއް ނުވާނެކަމަށް ބުނެ، ގެވެށިއަނިޔާގެ ހުރިހައި ބާވަތަކުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.


