އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
އަންނަ އާދިއްތަ ދުވަހުން މި މަހުގެ 10 ވަނަ ދުވަހަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ގައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިދަތުރުފުޅުގައި ރައީސް އާއިއެކު އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަން ހަމަޖައްސައިދެނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރުގެ ވަޒީރުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާއަށް ދަތުރުކުރައްވާ އެގައުމުގެ ރައީސާ އާއި ވެސް ބައްދަލުކުރައްވާފައެވެ.



