އިޒްރޭލުގެ ޔަހޫދީ ސިފައިން ލުބްނާންގެ ދެކުނު ބެއިރޫތައް ދިން ހަމަލާގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ލުބްނާންގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 127 ކުޑަކުދިންނާއި 261 އަންހެނުން ވެސް ހިމެނެއެވެ.
ހަމާސް އިން ބުނި ގޮތުގައި ވައިގެ މަގުން އިއްޔެ އިޒްރޭލުގެ އަސްކަރިއްޔާއިން ދެކުނު ބެއިރޫތައް ދިން ހަމަލާގައި ތުލްކަރެމްގައި ހުންނަ އެޖަމާއަތުގެ ލީޑަރު ވެސް ވަނީ މަރާލާފައެވެ.
އިޒްރޭލުން ބުނީ މިހަމަލާތަކަކީ ޙަޒްބުﷲ އަށް ނިސްބަތްވާ އިމާރާތްތަކަށް ބޮޑަށް އަމާޒު ކޮށްގެން ދޭ ހަމަލާތަކެއް ކަމަށާއި ހަމަލާތައް ދިނުމުގެ ކުރިން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެތަން ދޫކޮށްފައި ދިޔުމަށް ގޮވާލާފައިވާނެ ކަމަށެވެ.
ޔަހޫދީ އިޒްރޭލުން ލުބްނާންއާއި ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް، ދެ ޤައުމާއެކު ސުއްހަވެރި އެއްބަސްވުމަކަށް ނުދާން އުޅެނީ އިޒްރޭލަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އެމެރިކާގެ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބަށް ބުރޫއެއް އަރާފާނެތީ ކަމަށް އެމެރިކާ ސަރުކާރާ އިދިކޮޅު ސެނެޓަރ ކްރިސް މާރފީ ވަނީ ތުހުމަތު ކޮށްފައެވެ.
އެތުހުމަތަށް ޖަވާބުދެމުން ބައިޑަން ބުނީ ފަލަސްތީނާއި ލުބްނާނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލާ، އެ ދެ ޤައުމާއެކު ސުލްހަވެރި އެއްބަސްވުމަކަށް ދާން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުން ނުވަނީ ކީއްވެކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބަށް ބުރޫއެއް އަރާފާނެ ކަމަށް ހީނުކުރާ ކަމަށް ވެސް ބައިޑަން ބުންޏެވެ. މީގެ އިތުރުން ބައިޑަން ބުނީ ފަލަސްތީނާއި ލުބްނާނަށް ހަމަލާ ދިނުމުގައި އިޒްރޭލަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އޭނާގެ ސަރުކާރުގައި ކަމަށާއި އެކަން ނަތަންޔާހޫ އަބަދުވެސް ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.



