ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ ބެހޭގޮތުން ”ރޯބުހުތާން“ ދޮގު ހެދުން ހުއްޓާލައްވަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް އެމަނިކުފާނު ގޮވާލައްވައިފިއެވެ.
މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ އެމަނިކުފާނުވެސް މިހާރު މާލެއިން ބިން ގަނެފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ކުރައްވާފައިވާ ތުހުމަތުތަކަށް މިއަދު ރައްދު ދެއްވަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިނިސްޓަރ ފައިސަލް ވެސް މިހާރު މާލެއިން ބިން ގަނެފި ކަމަށެވެ.
ރައީސް ޔާމީންގެ އެތުހުމަތަށް ރައްދު ދެއްވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ އެމަނިކުފާނާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
”އަޅުގަނޑުގެ އަމިއްލަ ގޯއްޗެއް، ފްލެޓެއް އެއްވެސް ތަނަކު ނެތް. އަމިއްލަ ރަށުގައި ވެސް ނެތް. މާލޭގައި ވެސް ނެތް. ރަށަށް ދިޔަސް މި ހުންނަނީ އަޅުގަނޑުގެ ބައްޕަގެ ގޭގައި، މިއީ ރައީސް ޔާމީން ވަރަށް ބޮޑަށް ޒާތީވެގެން ދައްކަވާ ދޮގު ވާހަކަތަކެއް“ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރައީސް ޔާމީން ޒާތީވެގެން މިފަދައިން ދައްކަވާ ވާހަކަތަކުގެ ސަބަބުން ބައެއް ގާތް ބޭފުޅުން ވެސް މަގުމަތިން ދިމާކުރާ ކަމަށާއި ދާދިފަހުން ވެސް އެފަދަ ކަމެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.



