ޤައުމާއި މުޖުތަމަޢުގައި ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެ ޒުވާނުން ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ދިވެހީންގެ ތާރީޚާއި، މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމި އޮތް ޙަޤީޤަތްތައް ޒުވާނުންނަށް ވިސްނޭގޮތަށް އަންގައިދޭންޖެހޭކަމަށާއި، އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭކަމުގައެވެ.
”ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ކޮންމެ ޒުވާނަކީ ޤައުމާ އެއްކޮޅަށް ބަސްބުނެ ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ޒުވާނަކަށް ހެދުމުގެ މަސައްކަތްކުރުން ވަރަށް ބޭނުންތެރި. އަދި ޒުވާން ޖީލުގެ އަޚްލާޤީ އަދި ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރަން ޖެހޭ“ ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ތިން ވާހަކަފުޅެއް ހިއްސާކުރައްވާފައިވެއެވެ. އެއީ އިސްލާމްދީނުގައި އަދި ކީރިތި ޤުރުއާނުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތާއި، އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ޚިލާފު ކަންކަމާއި އަދި އެކަންކަން އިޞްލާޙުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ވާހަކަފުޅެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.



