ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ މީސްމީޑިއާ އިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ ބާރު ސްޕީޑެއްގައި ދެ ލޯންޗެއް ދުއްވާފައިދާ މަންޒަރާއި، އެއް ލޯންޗު އަނެއް ލޯންޗާ ވަރަށް ކައިރިން ކުރިމަތިވާ މަންޒަރެވެ. އެކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގި ކަމުގައިވިޔަސް، ދެ ލޯންޗުވެސް ދުއްވާފައިވަނީ ވަރަށް ފަރުވާކުޑަކޮށްކަން އަދި އެހާމެ ނުރައްކާތެރިކޮށްކަން ވީޑިއޯއިން ހާމަވެގެންދެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިމައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
އެ ލޯންޗުތަކަކީ މިއަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު އަލިފު އަރިއަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.



