އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިނގާ މަކަރާއި ހީލަތުގެ އަމަލުތައް ގިނަވެއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް ރިޕޯޓުކުރާލެއް އިތުރުވެފައިވާ ކަމަށެވެ.
ފުލުހުން ވަނީ މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ސަމާލުވުމަށް އާންމު ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އިލްތިމާސް ކޮށްފަ އެވެ.
މީގެއިތުރުން މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި އެކަން ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.


