މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު އެކްސްގައި ޕޯސްޓެއްގައި ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދު ހެނދުނު 7:45 އަކުން ފެށިގެން 13:45 އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.
އެއިދާރާއިން ބުނެފައިވާ ގޮތުގައި މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެފައިވެ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރޭ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާއިރު، މޫސުމާބެހޭ އިދާރާއިން އިއްޔެ ވެސް ވަނީ ރާއްޖެގެ އެކި ހިސާބުތަކަށް ހުދު ސަމާލު އަދި ރީނދޫ ސަމާލު ނެރެފައެވެ. މީގެއިތުރުން ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފަ އެވެ.



