ފެނަކައިން ގދ.ރަތަފަންދޫގައި ޤާއިމް ކުރަމުންދާ އައު އިންޖީނުގޭގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެގޮތުން ފެނަކައިން އެރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ މަޤްސަދުގައި ކުރިއަށް ދާ މި މަޝްރޫޢުގެ މަސައްކަތުގެ %60 މިހާރު ވަނީ ނިމިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ. އަދި އައު އިންޖީނުގޭގައި މިހާރު ކުރިއަށް ދަނީ އިންޖީނުގެ ހިޔާ ކުރުމުގެ މަސައްކަތް ކަމުގައި ވެސް ފެނަކައިން ހާމަ ކުރިއެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރަތަފަންދޫގެ އައު އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިންމުން ކަމަށެވެ.
އަމިއްލަ ފަރާތަކާއި ޙަވާލުކޮށްގެން ފެނަކައިން ކުރިއަށް ގެންދާ މި މަޝްރޫޢު ނިމުމުން، މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އެރަށުގެ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް އޭގެ ނަފާ ލިބިގެންދާނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.




