ކުރިއަށް އޮތް ފަސް ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށާއި މޫސުމަށް ވީހާވެސް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިރުޝާދު ދީފިއެވެ.
މިކަމާ ގުޅޭގޮތުން މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު މިދުވަސްކޮޅު ގަދަވެފައިވާ ކަމަށެވެ.
އެހެންކަމުން ކުރިއަތް ފަސް ދުވަހު އުތުރާއި މެދުރާއްޖެތެރެތެރޭގެ ސަރަހައްދުތަކުގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި، އަދި ދެކުނުގެ ސަރަހައްދުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި ގަދަވަޔާއެކު، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެތް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާފާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވެފައިވުމުގެ ސަބަބުން މޫސުމަށް ސަމާލުވުމަށާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން އެދިފައިވެއެވެ.



