ސްޓެލްކޯއިން މާލޭގައި ތަރައްގީ ކުރާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ އެކުންފުނީން މާލޭގައި ގާއިމްކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ޗާޖިން ސްޓޭޝަންގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށާއި، އޮން ސައިޓްގައި އަމަލީ ގޮތުން މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިންޖީނު ގެ ހުންނަ ކޮށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އީވީ ސްޓޭޝަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ޝެޑިއުލާއި އެއްގޮތަށް މިމަސައްކަތް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ސްޓޭޝަންގެ މަސައްކަތްތައް ނިމި ރައްޔިތުންނަށް ހިދުމަތް ދެވޭވަރުވާނެ ކަމަށެވެ.
މިއީވީ ސްޓޭޝަންތަކުގެ އަމާޒަކީ ކޮންމެ ތިން ކާރަކަށް އެއް ޗާޖިން ސްޓޭޝަން އިންސްޓޯލްކޮށްގެން ކޮރެއާގައި އޮތްފަދަ މޮޑެލްއަކަށް ރާއްޖެ ގެންދިއުން ކަމަށް މީގެކުރިން ފަހުމީ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ފަހުމީ ވިދާޅުވެފައިވާ ގޮތުގައި މިއީ އިލެކްޓްރިކް ވެހިކަލްތައް ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް އެހީތެރިވެދިނުމަށް ކުރެވޭ މަސައްކަތެކެވެ.


