އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ބައްދަލުކުރައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިރޭ ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ރައީސް އާއިއެކު އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ނިއުދިއްލީގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސް ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭނެގޮތަކަށް، މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާ، އެބޭފުޅުންނާއިއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެއެވެ.



