ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެޤައުމާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
އިންޑިއާއާއެކު މިއަދު މި އެކުލަވާލި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްގައެވެ. މި އެއްބަސްވުން ރާއްޖޭގެ ފަރާތުން ބަދަލުކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
ސަރުކާރުން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.
”ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024“ ގެ ދަށުން އެމްއެމްއޭއަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިޔަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.




