އިންޑިއާގެ އެހީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި އެވެ.
އިންޑިއާގެ ރައީސާ ދުރޫޕަތީ މުރްމޫގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރެއްވުމަށްފަހު، ބޭއްވި ރަސްމިއްޔާތުގައި ދެގައުމުގެ ވެރިން ވަނީ ވާޗުއަލްކޮށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިފްތިތާހުކޮށްދެއްވާފައެވެ.
އެއާޕޯޓު އިފްތިތާހުކޮށްދެއްވުމަށްފަހު، ދައްކާލި ވީޑިއޯގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމަކީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުހިންމު މަރުޙަލާއެއް ކަމަށެވެ.
އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ މިމަޝްރޫއަށް އެގައުމުން ވަނީ 132 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދެއްވާފައެވެ.
މިމަޝްރޫއުގެ ތެރެއިން ހަނިމާދޫ އެއާޕޯޓުގައި ރަންވޭ، އޭޓީސީ ޓަވަރު، އޭއާރްއެފްއެފް ބްލޮކް، ހެންގަރު، ކާގޯ ފެސިލިޓީތައް އަދި 10،380 އަކަފޫޓުގެ ފަސިންޖަރުންގެ ޓާމިނަލް ޢިމާރާތް ހިމެނޭ މުޅިން އައު އިންފްރާސްޓްރަކްޗައެއް ޤާއިމުކުރެވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.



