އިންޑިއާގެ އިތުރު ފަތުރުވެރިން ރާއްޖެ އައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތުދެއްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީއާ އެކު މިއަދު މެންދުރު ބޭއްވި ރަސްމީ ބައްދަލުވުމަށް ފަހު، ދެ ލީޑަރުން އެކުގައި އިއްވެވި ބަޔާނެއްގައެވެ.
ރައީސް ގެ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ބޮޑު އެއް ހިއްސާ އަކީ އިންޑިއާ ފަތުރުވެރިކަން ކަމަށެވެ. އަދި އެ މަނިކުފާނު އެދެނީ ކުރިޔަށް އޮތްތަނުގައިވެސް އިންޑިއާގެ އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންޑިއާއި ރާއްޖޭގެ ރައްޔިތުންގެ ދެމެދުގައި އޮންނަނީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށާއި، ދެ ޤައުމުގެ ދޭތެރޭގައި ޒަމާނުއްސުރެއް އޮތް ހާރިޖީ ގުޅުމުގެ އަސްލަކީ އެއީ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ކޮންމެ އަހަރަކުވެސް އެކި އެކި ބޭނުންތަކަށް އިންޑިއާއަށް ޒިޔާރާތް ކުރާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
“ ޗުއްޓީ ހޭދަ ކުރުމަށާއި، ސިއްހީ ފަރުވާ ހޯދުމަށާއި އެކި އެކި ބޭނުންތަކަށް ގިނަ ދިވެހިން އަބަދުވެސް އިންޑިއާއަށް ޒިޔާރާތް ކުރޭ. “ ރައީސް ގެ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި އިންޑިއާގެ ގިނަ ރައްޔިތުންވެސް ރާއްޖޭގައި ދިރިއުޅެމުންދާ ކަމަށާއި، ރާއްޖޭގެ އިޤްތިސާދާއި ތަރައްޤީއަށް އެފާރާތްތަކުގެ އެހީތެރިކަން ލިބޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ގެ ބަޔާނުގައި އެ މަނިކުފާނު ވަނީ އިންޑިއާއި އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު އަންނަ އަހަރު ފުރޭ މުނާސަބަތުގައި ރާއްޖެއަށް ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީއަށް ދައުވަތު ދެއްވާފައެވެ.
ރައީސް ޑރ. މުއިއްޒު އިންޑިއާއެށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު 5 އެއްބަސްވުމެއް އެކުލަވާލާފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ ކަރަންސީ ސްވޮޕް އެގްރީމެންޓެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭއާއި އިންޑިއާގެ ރިސަރވް ބޭންކާ ދެމެދުގައެވެ.




