މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އަނެއްކާވެސް ޑޮޕްލާ ވެދަރ ރާޑަރު ބޭނުން ކުރަން ފަށައިފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑޮޕްލާ ވެދާ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުނުކުރެވި ގިނަ ދުވަސްތަކަކަށް ބޭނުންކުރުން ހުއްޓިފައި އޮތުމަށްފަހު، އެ ރާޑަރު މިހާރު މަރާމާތުކޮށް މިއަދު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މިރާޑަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާ އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރެވޭފަދަ ރާޑަރެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މި ރާޑަރު ބޭނުން ކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.



