މިއަދުން ފެށިގެން ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްތަކާއި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑުތައް ބަލައިގަންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސުން ބުނެފިއެވެ.
ދާދި ދެންމެއަކު ބޭންކުން އެކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެބޭންކުގެ އޭޓީއެމްތަކާއި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑުތައް ބަލައިގަންނަން ފަށައިފައިވާ ކަމަށެވެ.
ބީއެމްއެލުން ބުނެފައިވާ ގޮތުގައި ރުޕޭއަކީ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ އުފެއްދުމެއް ކަމަށާއި މިއީ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވާކު ކަމަށެވެ. އަދި މިހާރު މުޅި ދުނިޔޭގައި 300 މިލިއަނަށްވުރެ ގިނަ މީހުން މި ނެޓްވާކް ބޭނުންކުރަމުންދާ ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ.
ރާއްޖޭގައި ރުޕޭ ކާޑު ތައާރަފުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.
މިބައްދަލުވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ރުޕޭ ކާޑު ތަޢާރަފުކޮށް، ރާއްޖޭގައި ފުރަތަމަ ރުޕޭ ޓްރާންސެކްޝަން ހެދި މަންޒަރުވެސް ވަނީ ލައިވްކޮށް ދައްކާލާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ރާއްޖޭގައި ފަށާނެކަމަށެވެ.




