ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ. މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނާއެކު ދިވެހި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވަމުން އިންޑިއާގެ ރައީސް ވިދާޅުވީ، އިންޑިއާއިން ގެންގުޅޭ ”ނޭބަހުޑް ފަރސްޓް“ ސިޔާސަތުގައްޔާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ”ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން“ ނުވަތަ ”ސާގަރް“ގެ ތަޞައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށެވެ.
އެގޮތުން ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު ޢުމްރާނީ މަޝްރޫޢުކަން ފާހަގަކުރައްވައި، އިންޑިއާއިން ދިވެހި ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ، އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށް ރައީސް މުރުމޫ ވިދާޅުވިއެވެ.
އެގޮތުން އިއްޔެ އިޢުލާންކުރި ”ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަރޝިޕް“ ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭކަމަށާއި ދިވެހިރާއްޖެ ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ވެސް ރައީސް މުރުމޫ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އެގޮތުން ތަޢުލީމާއި، ބިނާރާއި، ފަތުރުވެރިކަން އަދި ސިއްޙީ ދާއިރާ ހިމެނޭނޭ ފަދައިން ގިނަ ދާއިރާތަކުން ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަދާކުރާ ހައްސާސް ދައުރުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.




