މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:15 އިން ފެށިގެން މެންދުރު 1:00 އާ ހަމަމަށެވެ. ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅޫން ފެށިގެން ލ. އަތޮޅަށެވެ.
މެޓް އޮފީހުން ބުނީ މިސަރަހައްދުތަކުގައި ހިމެނޭ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައި ގަދަވެ، ބޯކޮށް ވާރޭ ވެހި އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެއިދާރާއިން ވަނީ އިރުޝާދު ދީފައެވެ.



