އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ، ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ރޭގައި ނިއުދިއްލީގައި ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު އެތައްއަހަރަކަށް ދެމިގެންގޮސްފައިވާ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމުކުރިތާ ފަސްފޮޅަހައްވުރެ ގިނަ އަހަރުވެފައިވާއިރު އަދިވެސް އެގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަވަށްޓެރި ޤައުމުތަކާއެކު ގުޅުންބަދަހި ކުރެއްވުމުގައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމާއެކު، ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރު ކުރެއްވިއެވެ. އަދި ދެޤައުމުން އެއްބަސްވާ އަދި ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ.
މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ދެ ޤައުމުގެ މަތީފެންވަރުގެ ވަފުދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



