އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮރަޕްޝަނާ ދެކޮޅަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ، ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ސޮއިކުރި މި ފަހުމްނާމާގައި އޭސީސީގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ. އަދި އިންޑިއާގެ ސީބީއައިގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޕްރަވީން ސޫދެވެ.
ދެ ޤައުމުގެ ދެމެދު މިފަހުމްނާމާ ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައްވާފައިވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ފަހުމްނާމާ ބަދަލުކުރީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހީމް ޝަހީބު އެވެ. އަދި އިންޑިއާގެފަރާތުން ބަދދަލުކުރީ އެޤައުމުގެ ހޯމް އެފެއާޒް މިނިސްޓްރީގެ ބޯޑާ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ސެކްރެޓަރީ ޑރ. ރާޖެންދްރަ ކުމާރެވެ.
އިންޑިއާ އާއެކު ސޮއި ކޮށްފައިވާ މިފަހުމްނާމާގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ:
- ތައުލީމު، ތަމްރީނު ހިމެނޭގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެކުގައި މަޝްރޫއުތަކާއި ހަރަކާތްތައް ކުރިއަށް ގެންދިޔުން.
- ކޮރަޕްޝަންގެ ކުށް ތަހުގީގުކުރުމާއި، ވިޔަނުދިނުމާއި، ދައުވާކުރުމާ ގުޅޭ ފަންނީ އެހީތެރިކަން ބަދަލުކުރުން.
- މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދިނުން.
- ކޮރަޕްޝަން ހިނގައިދިޔަ ނުދިނުމަށް ޓަކައި (ޕްރިވެންޝަން) ބޭނުންވާ މައުލޫމާތު ދެ މުއައްސަސާގެ މެދުގައި ބަދަލުކުރުން
- ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ”ބެސްޓް ޕްރެކްޓިސް“ތަކުގެ މައުލޫމާތު ބަދަލުކުރުމާއި ދެ މުއައްސަސާ ގުޅިގެން ދިރާސާކުރުން.
- ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމުގައި އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެހީތެރިވެ، މައުލޫމާތާއި، ހުނަރާއި، ތަޖުރިބާއާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން.
- ކޮރަޕްޝަންގެ ކުށް ވިޔަނުދިނުމަށާއި ތަހުގީގުކުރުމާ ގުޅުން ހުރި ފޯރަމްތަކާއި، ސެމިނާތަކާއި، ކޮންފަރެންސްތަކާއި، ވޯކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން.
- ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޓަޕޯލް ފަދަ ނެޓްވޯކްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުން.
އިންޑިއާ އާއެކު ސޮއިކޮށްފައި މިވާ ފަހުމްނާމާގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށާއި ވިޔަނުދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.



