ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލައިގައި ލޯންޗު ދުއްވި ތިން މީހުންގެ ވެސް ލައިސެންސް ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.
ލޯންޗުތަކެއް ނުރައްކާތެރިކޮށް ދުއްވި މައްސަލައެއް މީސްމީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށް މިމަހުގެ 5 ވަނަ ދުވަހު ފުލުހުން ވިދާޅުވެފައިވެއެވެ.
މީސްމީޑިއާގައި ދައުރުވި އެ ވީޑިއޯއިން ފެންނަނީ ބާރު ސްޕީޑެއްގައި ދެ ލޯންޗެއް ދުއްވާފައިދާ މަންޒަރާއި، އެއް ލޯންޗު އަނެއް ލޯންޗާ ވަރަށް ކައިރިން ކުރިމަތިވާ މަންޒަރެވެ. އެކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގި ކަމުގައިވިޔަސް، ދެ ލޯންޗުވެސް ދުއްވާފައިވަނީ ވަރަށް ފަރުވާކުޑަކޮށްކަން އަދި އެހާމެ ނުރައްކާތެރިކޮށްކަން ވީޑިއޯއިން ހާމަވެގެންދެއެވެ.
މިމައްސަލައިގެ އަދާހަމައެއް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް މިއަދު ވިދާޅުވީ ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލައާ ގުޅިގެން ލޯންޗު ދުއްވި ތިން މީހުންގެ ވެސް ލައިސެންސް މިމަހުގެ 5 ވަނަ ދުވަހު ވަގުތީ ގޮތުން ހިފަހައްޓާފައިވާނެ ކަމަށެވެ.
މިމައްސަލައާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިމައްސަލައާ ގުޅީގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެމިނިސްޓްރީން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.




