މާލެ ސިޓީ ކައުންސިލްގެ އެންމެ މުހިއްމު މަޤުޞަދަކީ އަޅާލާ އޯގަތެރި މުޖުތަމަޢެއް ބިނާކުރުންކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސީޓީގެ އަންހެނުންގެ ތަރައްޤީއަށް ޓަކައި މަސައްކަތްކުރާ ކޮމިޓީން، މާލެ ސިޓީގެ ރައްޔިތުންގެ ޙާލު ބެލުމަށް ޓަކައި، ރައްޔިތުން “ރައްޔިތުންނާ ގާތުން“ މި ތީމުގެ ދަށުން ކުރަން ފަށާ ސާވޭ ފައްޓަވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ކައުންސިލުތަކުން ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ހާލު ބެލުމަކީ ކޮންމެ ދުވަހަކު ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޢާޒިމް ވިދާޅުވީ މިއަދު މި ފަށާ ސާވޭގެ މަސައްކަތުގައި ރައްޔިތުން ދެއްވާ މަޢލޫމާތުން، އެކި ގޭ ބިސީތަކުގައި ދިރިއުޅުއްވާ އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވާ ރައްޔިތުން ދެނެގަނެވޭނެކަމަށެވެ. އަދި އޭގެ ސަބަބުން އެ ފަރާތްތަކަށް އެހީތެރިވެދިނުމަށް މާލެ ސިޓީކައުންސިލުން ކުރަން ޖެހޭ އަދި ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިސާވޭ ކުރިއަށް ގެންދިއުމުގައި މޭޔަރު ޢާޒިމް އަމަލީ ގޮތުން ހަރަކާތްތެރިވާނެއެވެ. މިސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު އާދީއްތަ ބުދަ މި 3 ދުވަހު ދެ ދަންފަޅީގައި ކަމަށާއި މި މަސައްކަތުގައި މާލެ ސިޓީގައި ހިމެނޭ، 18 ދާއިރާ، 6 މަސް ދުވަހަށް ބާހާލައިގެން ފަހަރަކު ދާއިރާއެއް ނިންމަމުންގޮސް، ހުރިހާ ދާއިރާއަކަށް އަންހެނުންގެ ކޮމެޓީގެ ބޭފުޅުން ޒިޔާރަތްކުރާނެ ކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.
އެހެންކަމުން މާލެ ސިޓީގެ މޭޔަރު އާޒިމް ވަނީ މި ސާވޭގެ މަޢުލޫމާތު އެއްކުރެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް، ފުރިހަމަ މަޢުލޫމާތު ދެއްވުމަށް އެދިވަޑައިގެންފައެވެ.




