މަޖުބޫރުކޮށްގެން ޖަލުގައި ތިބޭ ގައިދީންގެ ބޮލައި ތުނބުޅި އަދި މަތިމަސް ބޭލުން ހިމެނޭގޮތައް ހަދާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހުށަހަޅައިފި އެވެ.
އެޗްއާރްސީއެމުން މިއަދު އާންމުކޮށްފައިވާ ”ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރާ މީހުންގެ ބޯކޮށުމާ ގުޅޭ ޕޮލިސީ ރިވިއު“ ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީންގެ ބޯކޮށައި ފިރިހެން ގައިދީންގެ ތުނބުޅި ބޭލުމުގެ އިންތިޒާމު ޖަލުގައި ހަމަޖައްސައިދީފައި ހުންނަންވާނެ ކަމަށް ބަޔާންކުރިއަސް ބޯކޮށުން އެ ގާނޫނޫގައި މަޖުބޫރެއް ނުކުރެއެވެ.
މިއާއިއެކު އެޗްއާރްސީއެމުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދުގެ 8 ވަނަ މާއްދާ އުނިކުރުމާއި، އިސްތަށިގަނޑާއި ތުނބުޅި މަތިމަސްކޮށުމަކީ ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ އިހުތިޔާރީ ކަމަކަށް ހެދުން ހިމެނެ އެވެ.
މީގެއިތުރުން، ގައިދީންގެ ބޯކޮށުމާއި ތުނބުޅި މަތިމަސް ބޭލުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ، އެކަން އަހްލާގީ ކަމަކަށް ނުގުޅުވޭނެތީ، ގައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގާއި ޕެރޯލް ފުރުސަތު ދިނުމުގައި އަހްލާގީ މިންގަނޑުން ބަލައި އެ ކަމަށް ރިއާޔަތް ނުކުރުމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ޖަލުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށް ޓަކައި މެނުވީ އެއްވެސް ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ ބޮލާއި، ތުނބުޅި މަތިމަސް ނުރުހުމުގައި ގަދަކަމުން، ހެލްތު އޮފިސަރުގެ ލަފާގެ މަތިން ނޫނީ ބާލައިގެން ނުވާނެކަމަށް ވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ.
އެޗްއާރްސީއެމުން ވަނީ ސިއްހީ މާހިރެއްގެ ލަފާގެ މަތިން ގައިދީއެއްގެ ބޯކޮށާއިރު އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަހެން އެ ކަން ކުރުމާއި އަދި އެ ކަން ކުރާނަމަ ލިޔެކިޔުމުން ރެކޯޑު ބެލެހެއްޓުމުގެ އިތުރުން ދީނީ ގޮތުން ގަބޫލުކުރާ ކުރުމެއްގެ ސަބަބުން ބޯކޮށަން ނުވަތަ ތުނބުޅި މަތިމަސް ބާލަން އިންކާރުކުރާނަމަ އެކަން ކުރުމަށް މަޖުބޫރުނުކޮށް އެ ކަމަށް އިހްތިރާމްކުރުމަށް ވެސް ހިމަނައިފައެވެ.
މިއަދު އާންމުކޮށްފައިވާ ކަރުދާހުގައި އެޗްއާރްސީއެމުން ބުނީ ރުހުމަކާ ނުލާ ގަދަކަމުން ގައިދީއެއްގެ ބޯކޮށައި އަދި އެކަން ކުރުމުގެ ތެރޭގައި ގައިދީއަކަށް އަނިޔާކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވަ މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ.




