ދިވެހި ފިލްމުތަކުގެ ވާހަކަ ދައްކާއިރު މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ މަޝްހޫރު ފިލްމު ޕްރޮޑަކްޝަނެއް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ އެންމެ ފަހުގެ ފިލްމު ”ބިބީ“ ގެ ވާހަކައެވެ.
މިފިލްމަކީ ރޭޑިއޯ ޝޯތަކުންނާއި ޓީވީ ޝޯތައް ހޯސްޓު ކުރުމުން ނަން ވިދާލި ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓު ކުރި ކޮމެޑީ ހޮރޯ އެކެވެ. ފިލްމުގެ ލީޑް ރޯލުން ފެންނަނީ އޭނާގެ ފިރިމީހާ ޝަރަފް ޢަބްދުﷲ އާއި މަޝްހޫރު ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ.
ލީޑް ކާސްޓުންގެ އިތުރުން ދިވެހި ސިނަމާގައި ނަން ވިދާލާފައިވާ ޝީލާ، ސައީދު، ޝުހާ، ފުބޫ، ޝާއްކޮ، އަމަން، ރެކްސް، މަރިޔަމް ޚަލީލު، ރަޒާން، މަލީހާ (މަލް)، އާނަންދު، އަލީފު، ޔޫއްޓެ، ހާޒިފް އަދި ސާމީ ވެސް މި ފިލްމުން ފެނިގެން ދެއެވެ.
”ބިބީ“ އަކީ ކޮންކަހަލަ ފިލްމެއް؟ ކިހިނެއްވާ ފިލްމެއް؟
ސްޕޮއިލަރއަކާ ނުލާ މިފިލްމުގެ ވާހަކަ ދައްކަން ހަގީގަތުގައި ވަރަށް އުނދަގުލެވެ. ނަމަވެސް ފިލްމު އަދިވެސް ނުބަލާ މީހުން ތިބޭނެތީ، އެމީހުންނަށް މިފިލްމުގެ ކުރިމަރާ ނުލައި ފިލްމުގެ ވާހަކަ ދެއްކޭތޯ ބަލާނަމެވެ. ކުރިން ވެސް ބުނި ފަދައިން ”ބިބީ“ އަކީ ހޮރޯ ކޮމެޑީއެކެވެ. މާނައަކީ މީގައި ހެއްވާ މަޖާ މަންޒަރުތަކާއި ބިރުވެރި މަންޒަރުތައް ވެސް ހިމެނޭ ކަމެވެ. ދިވެހި ފިލްމަކުން މިއީ މަދުން ނޫނީ ނުފެންނަ މިކްސެކެވެ. ފިލްމުގެ ކޮންމެ ކެރެކްޓަރ އަކަށް ބެލިއަސް ކޮންމެ މީހަކު ވެސް އެމީހެއްގެ ރޯލު ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. ފިލްމުން ދައްކުވައިދެނީ ދެމަފިރިއަކު އެމީހުންގެ ޒަވާޖީ ހަޔާތް އެކުއެކީގައި ހޭދަ ކުރުމަށް އަލަށް ގެއަކަށް ބަދަލުވުމަށްފަހު ދެން ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކެކެވެ. މިއީ ހަމަ އާދައިގެ ބިރުވެރި ފިލްމަކުން ވެސް ފެނިގެންދާ މަންޒަރުތަކެއް ނޫންހޭ ބައެއް މީހުން ބުނެފާނެއެވެ. ނަމަވެސް އެބުނާ ”އާދައިގެ“ ފިލްމުތަކާ ”ބިބީ“ ގެ ހުރި ތަފާތު އެނގިގެންދާނީ ފިލްމު ބަލައިލީމައެވެ.
މިފަދަ މޮޅު އަދި އެހާމެ ތަފާތު ފިލްމެއް ތައްޔާރު ކުރި ކަމަށްޓަކައި ޝަހޫއަށް އައްސަރިބަހާ ސާބަސް ކިޔަމެވެ.
އެކްޓަރުންގެ ހުނަރު
ގިނަ އެކްޓަރުންނެއް ހިމެނޭ މިފިލްމުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވެފައިވާ އެކްޓަރުންނަށް ބަލައިލަމާ ހިނގާށެވެ. އެގޮތުން އެންމެ ފުރަތަމަ ދައްކާނީ ފިލްމުގެ ލީޑް އެކްޓްރެސް މަޖޫގެ ވާހަކައެވެ. ކުރިންވެސް މަޖޫ ބުނިހެން މިއީ ހޮރޯ ކޮމެޑީއަކުން މަޖޫ ފެންނަ ފުރަތަމަ ފަހަރެވެ. ނަމަވެސް މިފިލްމު ބަލާލައިފައި މިއީ އޭނާ މިފަދަ ކެރެކްޓަރެއް ކުޅުނު ފުރަތަމަ ފަހަރޭ ހީވެސް ނުވެއެވެ. އެކަކު ދެ ކެރެކްޓަރެއް ކުޅެންޖެހި، ތަފާތު އިހުސާސްތަކެއްގައި ދައްކުވައި ދިނުމަކީ އޭގެ ޒާތުގައި ފަސޭހަކަމެއް ނޫނެވެ. އަދީ އެއީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ވެސް ނޫނެވެ. ނަމަވެސް މަޖޫ މިވަނީ އެކަމަކީ އޭނާއަށް ”ފެންމެޓައެއް“ ފަދަ ކަމެއްކަން ސާބިތުކޮށްދީފައެވެ.
މަޖޫގެ ވާހަކަ ދައްކާފައި ޝަރަފްގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. ފިލްމެއްގައި ލީޑް ރޯލު ކުޅުމަކީ މިހާރު އަރަމުން އަންނަ ތަރި ޝަރަފްއަށް އެއްވެސް ކަމެއް ނޫނެވެ. ނަމަވެސް މީގައި ޝަރަފްގެ އެކްޓިންގްއިން އެކަނި ވެސް އެތައް ބަޔަކު ހީހީ ބަލިވާވަރު ވިއެވެ. މިއީ އޭނާ އާންމުކޮށް ކުޅެފައިވާ ރޯލުތަކާ އަޅާބަލާއިރު ހާސްބައި ތަފާތު ރޯލެކެވެ. އެހާވެސް މަޖާ އަދި އެހާމެ މުނިފޫހިފިލައެވެ.
އިތުރު ތަރިންގެ ވާހަކަ ދައްކައިރު ދެން އެންމެ ފާހަގަ ކޮށްލެވެނީ ގިނަ އަހަރުތަކެއް ވަންދެން މިއިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ޝީލާއާއި ސައީދުގެ ވާހަކައެވެ. ޝީލާއަކީ މޮޅު އެކްޓަރެއްކަން ކުރިންވެސް އެނގެއެވެ. ނަމަވެސް ”ބިބީ“ ބަލައިލުމުން އޭނާއަކީ ހަމަ ކޮންމެ ރޯލަކަށް ވެސް އެންމެ ފިޓު އެއް ފަންނާނުކަން ހާމަވެގެން ދެއެވެ. އޭނާ މި ފިލްމުގައި ދައްކުވައިދިން ހުނަރުން ވެސް އެތައް ބައެއްގެ މޫޑު ރަނގަޅުވެ، ހެމުން ހެމުން ތިއޭޓަރުން ނިކުމެގެން ދިޔައެވެ. ޝީލާއާއި އެއްހަމަ ކުރީ ސައީދުއެވެ. މީގެކުރިން ސައީދުގެ މިފަދަ އެކްޓިންގެއް އެހެން ފިލްމަކުން ފެނުނު ހަނދާނެއް ނުވެއެވެ. މޫނުމައްޗަށް ވެއްޓޭ އިސްތަށިކޮޅު ރީތިކޮށްލާ ފަރި ގޮތުން ވެސް މީހުން ހިނިއައިސްގެން އިށީންދެގެން އިން ގޮނޑިން ވެއްޓޭވަރުވިއެވެ.
ހެއްވާ މަޖާ ރޯލުތައް ކުޅޭ އެކްޓަރުންގެ ވާހަކަ ދައްކާއިރު ފުބޫގެ ނަމަކީ ވައްޓާލެވޭނެ ނަމެއް ނޫނެވެ. ޚާއްސަކޮށް ޑާކްރެއިންގެ އުފެއްދުމެއްގައެވެ. އެހެން ފިލްމުތަކެކޭ ވެސް އެއްފަދައިން މިފިލްމުން ވެސް އޭނާ ބެލުންތެރިން މުނިފޫހިފިލުވާ ދިނެވެ. ދުވަމުން ގޮސް ފުބޫ އަތުލީ ބެލުންތެރިންގެ ހިތެވެ.
”ބިބީ“ އަކީ ކޯޗެއް؟
ފިލްމު އެޅުވުމުގެ ކުރިން ގިނަ ބަޔަކު ކުރި އެއް ސުވާލަކީ ”ބިބީ“ މިނަން ދެވުނީ ކީއްވެހޭ، އެއީ ކޮން އެއްޗެއް ހެއްޔޭއެވެ. އެސުވާލުގެ ޖަވާބު ވެސް ފިލްމު ބެލުމުން ލިބިގެންދެއެވެ. ނަމަވެސް އެއީ ކޮންއެއްޗެއްކަން އަޅުގަނޑު ބުނެ ،ކުރިމަރާލާކަށް ނެތީމެވެ. ފަހަރުގައި އެއީ މިފިލްމުގައި އުޅޭ މީހަކަށް ކިޔައި ނަމަކަށް ވެސް ވެދާނެއެވެ. ނޫނީ ފިލްމުގައި ބޭނުން ކުރި އެއްޗަކަށް، ނުވަތަ ގެއަކަށް ކިޔާ ނަމަކަށް ވެސް ވެދާނެއެވެ. ރަނގަޅަށް ފިލްމު ބަލައިލުމުން ހަމަޔަގީނުންވެސް އޭގެ ޖަވާބު ލިބިގެންދާނެއެވެ.



