ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ފައިސާ ލިބޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިހާރު ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ.
މިއަދު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ދެ އިސްލާހެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު އިސްލާހު ކުރުން ހިމެނޭ ކަމަށެވެ.
ފުއާދު ވިދާޅުވީ ކޮމިޝަނުން ނިންމާފައިވަނީ ފައިސާ ދިނުމުގައި 3،000 މެންބަރުން ހަމަވާ ހުރިހާ ޕާޓީތަކާއި، 10،000 މެންބަރުން ހަމަވާ ޕާޓީތަކާއި، މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބީއަށް ބަލައިގެން ފައިސާ ދިނުމަށް ކަމަށާއި ބަޖެޓުގެ 25 އިންސައްތަ ހާއްސަ ކުރާނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ކަމަށާއި އަނެއް 25 އިންސައްތަ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަމަށެވެ.
މީގެއިތުރުން މި ބަދަލުތައް ގެންނަނީ ޕާޓީތަކާއި މަޝްވަރާކުރުމަށްފަހު ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.



