ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލާނެކަމަށް ބުނެ މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ހުރެފައި މިރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ އަބްދުﷲ މިޔާދު، ކ.މާލެ، ގ. ސަންސަނާގެ އެވެ.
ފުލުހުން ވިދާޅުވީ އޭނާ ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓުތަކުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށް ބުނެ އިންޒާރުދީ އަދި އިތުރު އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލަނެ ކަމަށާއި އަދި އެނޫން އެކި ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދީ ހަޑިހުރުބަހުން އެކި ޕޯސްޓު ކުރަމުން ގެންދިއުމާއިއެކު އެއްޖިންސުން ގުޅުން ހިނގުމަށް ހިއްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދާ މައްސަލަ އާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުސްވި މަހުގެ ފަހުކޮޅު މީސްމީޑިއާގައި ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ ކޮމެންޓު ކުރި މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



