ފެނަކައިން ބ. ކެންދޫގައި ޤާއިމް ކުރަމުންދާ އައު އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުޅާ ކުރުމަށާއި ފެނަކައިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަޤްސަދުގައި ކުރިއަށް ދާ މި މަޝްރޫޢުގެ މަސައްކަތުގެ %75 މިހާރު ވަނީ ނިމިފައި ކަމަށް ފެނަކައިން ބުނެޏެވެ.
އެގޮތުން، އޮފީސް އިމާރާތުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ސީލިންގގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. އައު އިންޖީނުގޭގައި މިހާރު ކުރިއަށް ދަނީ މައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މި އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒު ކޮށްފައިވާ މި މަޝްރޫޢު ނިމުމުން، މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، ކެންދޫގެ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް އޭގެ ނަފާ ލިބިގެންދާނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.



