ގެއަށް ވައްދައި، ބަރަހަނާކޮށް ބިރުދައްކައިގެން މީހަކު ފޭރުނު މައްސަލައިގައި 3 މީހަކަށް ދައުވާކޮށްފި
މިއަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް މީހަކު ވައްދައި، އެމީހާ ބަރަހަނާކޮށް ތޫނު އެއްޗަކުން ބިރު ދައްކައިގެން ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފިއެވެ.
ދިވެހި ފިރިހެނަކަށް މިފަދައިން ބިރުދައްކައި ފޭރުނު މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ދިވެހި ދެ ފިރިހެނަކާއި އަންހެނެކެވެ. އެމީހުންގެ މައްޗަށް ދައުވޫ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
އެގޮތުން މިމައްސަލައިގައި ޕީޖީން ދައުވާ ކޮށްފައިވަނީ މއ. މަސްފަން އާއިޝަތު (43އ.) އާއި ހަމަ އެގެއިން މުޙައްމަދު ރީހާން (27އ.) ގެ އިތުރުން ސ. ހިތަދޫ ސޯމާ / ޝަފީގު އިބްރާހީމް (35އ.) އެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، އެމީހާއަތުން ފޭރިފައިވަނީ ދިލްބަހާރުމަގުގައި މއ. މަސްފަންގޭ ކައިރީގައި ހުއްޓާ ގިވައި އެތެރެއަށް ވެއްދުމަށްފަހު، ވަޅިން ބިރުދައްކައި، ބަރަހަނާކޮށް އަދި އޭނާއަށް އަނިޔާވެސް ކޮށްފަ ކަމަށެވެ. އެގޮތުން އޭނާގެ ފޯނު އަތުލައި ފޯނުން ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، ކޭޝް ކާޑު ބޭނުން ކޮށްގެން އޭޓީއެމް އިން ފައިސާ ނަގާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ތިން މީހުންނަށް ވެސް ތިން ދައުވާއެއް ކުރުމަށް ޕީޖީން ވަނީ ހުށަހަޅައިފައެވެ. އެއީ:
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ ދަށުން – އަނިޔާއެއް ދިނުން
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 232 ވަނަ މާއްދާގެ ދަށުން – އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުން
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން – ފޭރުން
މި ތިން މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.



