ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާފައިވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ވިޔަފާރި ޕްރޮމޯޓު ކުރެއްވުމަށް އެޤައުމުގެ ބެންގަލޫރަށް މިއަދު ވަޑައިގެންފިއެވެ. މިއީ މިދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ ވިޔަފާރި ޕްރޮމޯޓ ކުރުމަށް ވަޑައިގަންނަވާ އެންމެ ފަހު މަންޒިލެވެ.
އިންޑިއާގެ ބެންގަލޫރަށް މިއަދު ރައީސް މުޢިއްޒު ވަޑައިގެންފައިވާއިރު، އެތަނުގައި މިއަދު ހަވީރު ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިއީ އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ޚާއްސަ ދައުވަތަކަށް އެމަނިކުފާނާއި އެމަނިކުފާނު އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ކުރައްވާފައިވާ ދަތުރުފުޅެކެވެ.
ފަސް ދުވަހުގެ މުއްދަތަށް މިދިޔަ އާދީއްތަ ދުވަހު ފެއްޓެވި މިދަތުރުފުޅު ނިންމަވާލައްވާ ރައީސް މުޢިއްޒު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.



