މިދުވަސްކޮޅު އެންމެންނަށް ވެސް އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސް ގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އާއި މިއަހަރު ބޮޑު ޢީދުގައި ބ. ކަމަދޫގެ ޢީދު ޝޯއިން ވިދާލި ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނީގެ ވާހަކައެވެ.
ޚާއްސަކޮށް ގިނަ ދިވެހި ފިރިހެނުންގެ ހިތްތައް ކަތިލާލި ޒާރާ ސަން ސިޔާމްއާ ކައިވެނި ކުރަން އުޅޭ ޚަބަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ސިހުން ގެނުވާލި އަދި އެތައް ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައިވާ ޚަބަރަކަށެވެ.
ސަން ސިޔާމްއާއި ޒާރާގެ ހުރި އުމުރުގެ ތަފާތުގެ ސަބަބުން މިއީ ތެދެއްކަމަށް ބައެއް މީހުންނަށް އަދިވެސް ޤަބޫލުކުރަން ދަތިވެފައިވީއިރު، މިހާރު އެދެމީހުން ރަން ވެސް ކިޔައިފިއެވެ. ރަން ކިޔުމުގެ ޚަފްލާ ބާއްވާފައިވަނީ ސިޔާމްގެ ރިސޯޓެއް ކަމަށްވާ އޮޅުވެލި ރިސޯޓުގައެވެ.
އެ ޚަފްލާގައި ޒާރާ ވަނީ އެ ދެމީހުންގެ ލޯތްބާއި މި ކައިވެންޏާ ގުޅޭގޮތުން އޭނާ ދެކޭ ގޮތް ވަރަށް ޚާއްސަ ލަވައެއްގެ ސިފައިގައި ސިޔާމްއަށް ކިޔައިދީފައެވެ.
މިހާރު މީސް މީޑިއާގައިވެސް ދައުރުވަމުން އަންނަ އެ ލަވައިގައި ޒާރާ ސިޔާމްއަށް ބުނެފައިވަނީ:
”ފުން ލޯތްބާއި ޖަންނަތު ތިއީ އޭ ހިތްއެދޭ،
ލޯތްބާ އަޅާލުން ހިތްވަރާއި،
މި ހަޔާތަށް ދޭށޭ މިއީ އޭ ދުއާ،“ މިހެންނެވެ.
ކައިވެނީގެ ޚަފްލާތަކުގައި އަންހެންމީހާ ފިރިހެންމީހާއަށް ޚާއްސަކޮށްފައި ލަވައެއް ކިޔައިދިނުމަކީ މިހާރު އަވަށްޓެރި އިންޑިއާގެ ގިނަ ކައިވެނީގެ ޚަފްލާތަކުގައި ވެސް ކުރަމުން އަންނަ ކަމެކެވެ. ޚާއްސަކޮށް ޒާރާ ކިޔައިދީފައިވާ މިލަވައަކީ، އެފަދަ ޚަފްލާތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ ފިލްމުގެ ”ކުޑްމާއީ“ ލަވައިގެ ރާގަށް ހަދާފައިވާ ލަވައެކެވެ.
ސަން ސިޔާމްއާއި ޒާރާގެ ކައިވެނީގެ ޚަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އޮޅުވެލި ރިސޯޓުގައެވެ.




