މިސަރުކާރުން ކުރިން އެންމެ ބޮޑަށް ދެކޮޅު ހެދީ ރާއްޖޭގައި އެކި ނަންނަމުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ތިބުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާފައި ފުރަމާނަ ދަތުރުފުޅެއް ކުރައްވާ، އެޤައުމުގެ ސަރުކާރާއެކު ވަނީ ބައެއް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައި އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައެވެ.
ކުރީ ސަރުކާރުގެ ވެރިކަމުގައި ”އިންޑިއާ އައުޓް“ ކެމްޕޭނުގައި ރައީސް މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންފައިވުމާއެކު މިހާރު އިންޑިއާއާއެކު ބައެއް އެއްބަސްވުންތައް ވެފައިވާތީ، މިސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަނީ ސަރުކާރަށާއި ރައީސްއަށް ފާޑުވިދާޅުވަމުންނެވެ.
އެފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަޒާން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިސަރުކާރުން ކުރިން އެންމެ ބޮޑަށް ދެކޮޅު ހެދީ ރާއްޖޭގައި އެކި ނަންނަމުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ތިބުމަށް ކަމަށާއި ރައީސް މުޢިއްޒު ވަނީ ވެރިކަމުގެ ހުވާކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ އާއި ވާހަކަ ދައްކައިގެން އެ ޤައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލާފައި ކަމަށެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ އިދިކޮޅު އެމްޑީޕީ ވެރިކަމުގައި ޤައުމުގެ ހާރިޖީ ސިޔާސަތަކަށް ވެފައި އޮތީ ”އިންޑިއާ އޮންލީ“ ކަމަށާއި އެއާ ހިލާފަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތެއް ކަމަށެވެ. އޭގެ މާނައަކީ، އެހެން ޤައުމުތަކާއިއެކު ބާއްވާ ގުޅުންތައް ބާއްވަނީ ރާއްޖޭގެ މަސްލަހަތަށް އިސްކަން ދީގެން ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
”މިހާރު ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިނުވޭ. އިންޑިއާއިން އާންމު އުސޫލުން ދިވެހިރާއްޖޭގެ ރައީސަކު އެ ޤައުމަށް ވަޑައިގަތުމުން، އެ މީހުން ބޭނުންވާ ބައެއްކަންކަމާ މެދު މަޝްވަރާކުރި. އެކަމަކު ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާނީ ރާއްޖެއަށް އެކަމަކުން އެންމެ ފައިދާ ބޮޑު ގޮތެއް ބަލާފައި.“ އަޒާން ވިދާޅުވިއެވެ.
މިސަރުކާރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.


