ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާފައިވާ ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށާއި، އެދަތުރު ކާމިޔާބު ދަތުރަކީ އެމަނިކުފާނު ކަނޑައެޅުއްވި މަޤްސަދު ހާސިލުވެފައިވުން ކަމުގައި، އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އިންޑިއާގެ ބެންގަލޫރަށް މިއަދު ވަޑައިގެން އެތަނުގައި ދިރިއުޅޭ ދިވެހީންނާއި މިރޭ ބައްދަލު ކުރެއްވުމަށް ޚަފްލާ ތެރޭގައެވެ.
މިޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މިދަތުރުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެ، ދިވެހި ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނަށް މުހިންމުވާނެ ގޮތަށް މަސައްކަތްތަށް ފެށި މަގު ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.
ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު ގުޅުން އޮންނާނީ ކިހިނެއްކަމާއި ޚާރިޖީ ސިޔާސަތު އޮންނާނީ ކިހިނެއްކަން އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވިއިރު އެންމެ ފުރަތަމަ ކެމްޕޭނު ލޯންޗުކުރެއްވިއިރު މެނިފެސްޓޯގައި އިއުލާނު ކުރައްވާފައި ވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އެ ސިޔާސަތުތަކަކީ އަޅުގަނޑު އަބަދުވެސް ކުރިއަށް ގެންދާނެ ސިޔާސަތުތަކެއް. އެއީ ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތު، ދިވެހި ޤައުމު އިސްކުރުމުގެ ސިޔާސަތު. އަޅުގަނޑު އެރޭ ދެންނެވިން ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމަށް ކަންކަން ފަހިވެގެންދާނެ ގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަން ވެދޭނެ ހުރިހާ ޤައުމަކާއި އެކީގައި ގާތް ގުޅުން ބާއްވާނެ ކަމަށް“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެހެން ޤައުމުތަކާއެކު އެފަދައިން ގާތް ގުޅުން ބާއްވާއިރުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން އަބަދުމެ ކަށަވަރު ކުރައްވާނެ ކަމަށެވެ.




