އިންޑިއާގެ މަޝްހޫރު ބިޒްނަސް ޓައިކޫން އަދި ޓާޓާ ގްރޫޕް އޮފް އިންޑަސްޓްރީސްގެ ކުރީގެ ޗެއާމަން ރަތަން ޓާޓާ މަރުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ރަތަން ޓާޓާ މަރުވިއިރު އުމުރުން 86 އަހަރެވެ. އޭނާ މަރުވީ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ރޭގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރަތަން ޓާޓާ އަކީ ޓާޓާ ގްރޫޕްގެ ކުރީގެ ޗެއާމަންގެ އިތުރުން އެ ކުންފުނީގެ ފައުންޑަރ ވެސް މެއެވެ. އޭނާ އެތަން 30 އަހަރަށްވުރެ ގިނަ ދުވަހު ހިންގާ ކޮޅަށް ޖަހާފައިވެއެވެ. އޭނާއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މަސްރަހުގައި ވެސް ފާހަގަ ކޮށްލެވޭ ނަމެކެވެ. ޓާޓާ ކުންފުންޏަކީ މިހާރު އަހަރަކު 100 ބިލިއަން ޑޮލަރު ފައިދާގެ ގޮތުގައި ލިބެއެވެ.
އުމުރުން ދުވަސްވުމާއި ސިއްހީ ހާލަތު ހުރި ގޮތުން ވިޔަފާރިއާ ދުރަށް ޖެހިލި ކަމުގައި ވިޔަސް، ޓާޓާ ގްރޫޕުން އަދިވެސް ބޭނުން ކުރަނީ އެތަން ހިންގުމަށް އޭނާ ބޭނުން ކުރަމުން އަންނަ ސިޔާސަތުތަކެވެ.
އެގޮތުން ޓާޓާ ސަންސްގެ މިހާރުގެ ޗެއާމަން ނަތަރަޖަން ޗަންދްރަސެކަރަން ބުނީ ރަތަން ޓާޓާއަކީ އެފަދަ ދެވަނައެއް ނުވާ ލީޑަރެއް ކަމަށާއި އޭނާގެ ސިޔާސަތުތަކަކީ ދުވަހަކު ފަނޑުވެގެން ދާނެ ސިޔާސަތުތަކެއް ނޫން ކަމަށެވެ.
ރަތަން ޓާޓާގެ ކުއްލި ވަކިވުމާ ގުޅިގެން އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަތަންގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުވާފައެވެ. އަދި ބޮލީވުޑްގެ ބައެއް ފިލްމީތަރިން ވެސް އޭނާގެ މަރުގެ ހިތާމާގައި މީސްމީޑީއާގައި އެކިއެކި ޕޯސްޓު ކޮށްފައިވެއެވެ.



