ގިނަ މީހުންނަށް ނަފްސާނީ ސިއްހަތައް ސަމާލުކަން ނުދެވޭ ކަމަށާއި ސަމާލުކަން ދެވެނީ ޖިސްމާނީ ސިއްހަތައް އެކަނި ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ، މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކަމުގައިވާތީ ދުވަހާ ގުޅޭގޮތުން މީސްމީޑިއާގައި މިއަދު ހިއްސާ ކުރެއްވި ވީޑިއޯއެއްގައެވެ.
އެގޮތުން އެ ވީޑިއޯގައި ހެލްތު މިނިސްޓަރު ވިދާޅުވީ ނަފްސާނީ ސިއްހަތާއި ނުލާ ސިއްހަތު ފުރިހަމަވެގެން ނުދާކަން އެއީ މިއަދު ދުނިޔެ ދައްކަވާފައިވާ ހަގީގަތެއް ކަމަށެވެ. ނަމަވެސް ގިނަ މީހުންނަށް ނަފްސާނީ ސިއްހަތައް ސަމާލުކަން ނުދެވޭކަމަށާއި ހަމައެކަނި ސަމާލުކަން ދެވެނީ ޖިސްމާނީ ސިއްހަތައް ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
”ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކު ނަފުސާނީ އުދަނގޫތައް ތަހައްމަލް ކުރަމުންދޭ. އަދި ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ ކަމަށް 2022 ވަނަ އަހަރުގެ ޑަބްލިޔު އެޗް އޯ ގެ ސްޓެޕް ސާވޭއިން ދައްކާފައިވޭ“ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވަނީ ”މެންޓަލް ހެލްތު އެޓް ވޯކް“ ނުވަތަ ”މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން“ މިއެވެ. މިއަހަރު މިދުވަހަށް ޚާއްސަ ކޮށްފައިވާ ކުލައަކީ ފެހި ކުލައެވެ.



