ހުޅުމާލެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ.
އެގޮތުން މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހުޅުމާލޭގައި އަސަރުކޮށްފައިވާ މަގުތައް ސާފުކޮށް، މީހުން އެއްވާ ތަންތަން މަރާމާތު ކުރުމުގެ ބުރަ މަސައްކަތް އެޗްޑީސީން މިއަދު ދަނީ ކުރަމުންނެވެ.
ހުޅުމާލޭގެ ތަރައްޤީއަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.
އެގޮތުން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަށް ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުން ކަމަށާއި ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެ ކަމަށް ގަބޫލު ކުރަން ވާނެ ކަމަށެވެ. ފަޒުލްގެ ވާހަކަފުޅުގައި ހުޅުމާލޭ ފޭސް 2 ގެ މަގުބައްތިތައް ނުދިއްލި ގިނަ ދުވަސްވެފައިވާ ސަބަބު ވެސް ބަޔާން ކޮށްދެއްވާފައިވެއެވެ.
“ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ސަރަހައްދުގެ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރު ކުރެވިފައިވޭ. މަގުބައްތި ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޯގަސްޓު 2024 ގެ ނިޔަލަށް ނިމިފައިވާއިރު، މަގުބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން” އެޗްޑީސީގެ އެމްޑީ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ފަޒުލް ވަނީ އެޗްޑީސީގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރަމުންގެންދާ މަސައްކަތްތަކަށް ފަޚުރުވެރިވެ ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.




