މިއަހަރުގެ އަޞްޙާ ޢީދު ދުވަހު ބ. ކަމަދޫގައި ބޭއްވި ޢީދު ޝޯއަށްފަހު މީސްމީޑިއާގައި ވިދާލި، އަދި ގިނަ ފިރިހެނުން އެދުވަސްކޮޅު ”ފަތްމިންޏެއްގެ“ ލަގަބު ދިން އާމިނަތު ޒާރާ، މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސް ގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި މިއަދު ކައިވެނި ކޮށްފިއެވެ.
އެދެމީހުންގެ ކައިވެނި އޮތީ ސަން ސިޔާމުގެ ރިސޯޓެއް ކަމަށްވާ އޮޅުވެލި ރިސޯޓުގައި މިއަދު އިރުއޮއްސުނު ވަގުތުގައެވެ.
ޒާރާއާއި ސިޔާމްގެ ކައިވެނީގެ ޚަފްލާއަށް ދަޢުވަތު ދީފައިވަނީ އާއިލާގެ އިތުރުން އެދެމަފިރިންގެ ގާތް މީހުންނަށް އެކަނިކަން އެނގިފައިވެއެވެ. އަދި މިޚަފްލާގައި އެއްވެސް މީހަކު ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން ވެސް ވަނީ މަނާ ކޮށްފައިކަން އެނގިފައިވެއެވެ.
ކައިވެނީގެ ޚަފްލާ މިއަދު އޮޅުވެލީގައި ބާއްވާފައިވާއިރު، ޒާރާއާއި ސަން ސިޔާމްގެ ރަންކިޔުމުގެ ދަރުބާރު ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހަމަ އެ ރިސޯޓުގައި ބާއްވާފައެވެ. އެޚަފްލާގައި ޒާރާ ވަނީ އޭނާގެ އަމިއްލަ އަޑުން ސަން ސިޔާމް އަށް ލަވައެއް ވެސް ކިޔައިދީފައެވެ.
ގިނަ ދިވެހި ފިރިހެނުންގެ ހިތްތައް ކަތިލާލި ޒާރާ ސަން ސިޔާމްއާ ކައިވެނި ކުރަން އުޅޭ ޚަބަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ސިހުން ގެނުވާލި އަދި އެތައް ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި ޚަބަރަކަށެވެ.



