ޒިނޭގެ ސަބަބުން މުޖުތަމައުގައި ނުރައްކާތެރި ބަލިތައް ފެތުރި، އިޖުތިމާޢީ ފޭރާން ހަލާކުވެދާކަމަށް ޚުތުބާގައި ބުނެފިއެވެ.
މިއަދު ޚުތުބާގައި ޒިނޭގެ މައްޗަށް އަލިއަޅުވާލައި ބުނެފައިވަނީ ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް މުސްލިމުންގެ މައްޗަށް މާތްﷲ ޙަރާމްކުރައްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ފާޙިޝް އަމަލަކީ ޒިނޭ ކަމަށެވެ. އަދި ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެކެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާނެ ކަމަށެވެ.
ފާޙިޝު ޢަމަލުތަކުގެ ސަބަބުން މުޖުތަމައުގައި ވަރަށް ގިނަ ނުރައްކާތެރި ބަލިތައް ފެތުރޭކަމަށާއި އޭގެތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޢިލްމުވެރީން މިބަލިތައް ސިފަކުރައްވަނީ މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚްލާޤީ ޢަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެއްގެ ގޮތުގައި ކަމަށެވެ. އަދި މިފަދަ ބަލިތަކުން ސަލާމަތްވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބަޢަވެ، ކާވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެން ކަމަށް ވެސް ބުނެފައިވެއެވެ.
މިއަދު ޚުތުބާގައި ޒިނޭއަކީ މާތްﷲ ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރެއިން ކުށެއްކަން ފާހަގަކުރައްވާ ބުނެފައި ވަނީ އެ ކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަށާއި، އެ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެ ކަމެއް ކަމަށެވެ.
މީގެއިތުރުން، މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިޞްލާޙުވުމަށް ކަމަށާއި އިޞްލާޙުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާނެކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
މިފަދަ އަމަލުތަކަށް އަރައިގަތްކަމަށް ޤުރުއާނުގައި ވާރިދުވެފައިވާ ލުޠުގެފާނުގެ ގައުމުގެ މީހުންގެ މިސާލު ނަންގަވާ ޙުތުބާގައި ބުނީ، ލޫޠުގެފާނުގެ ޤައުމުގެ މީހުން އިންސާނީ ފިޠުރަތުގެ މަގުން އެއްކިބާވެ، އެ މީހުންގެ ނާދީތަކުގައި މުންކަރާތްތައް ފަތުރައި، އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެ، މުޅީން އަލަށް އީޖާދުކޮށްގެން ލިވާޠުކޮށް އުޅުމުގެ ނަތީޖާއަކަށްވީ އެ މީހުންގެ ޤައުމު މުޅިން ހަލާކުވެ ދިޔުންކަމަށާއި، އެ ރަށުގެ މަތީފުށް އަނޑީފުށަށް ބަދަލު ކުރައްވައި އެއްވެސް ދިރުމެއް ނެތް މަރުވެފައިވާ ކަނޑަކަށް އެ ޤައުމު ހެއްދެވުން ކަމަށެވެ.
ޒިނޭގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލުމަށްފަހު، ޚުތުބާގައި ބުނީ މިފަދަ މުންކަރާތްތަކުން ސަލާމަތްވާނެ މަގުތައް އިސްލާމްދީނުގައި ދައްކަވާފައިވާ ކަމަށެވެ. އެގޮތުން ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ ﷲގެ އަމުރުފުޅުތަކަށް ތަބަޢަވެ މުންކަރާތްތަކާ ދުރުހެލިވުމާއި، ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނާއި، ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެންނާއި، އެ މީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެނެވެ.
މީގެއިތުރުން ވެސް މިފަދަ އަމަލުތަކުން ދުރުހެލިވުމަށްޓަކައި ނަމާދު ޤާއިމުކުރުންމަތީ ދެމިތިބުމަށާއި، ކުޅަދާނަކަން ލިބިގެންވާ މީހާ ކާވެނިކުރުމަށާއި، ކާވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށާއި، ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތު ވުމުގެ ކުރީން ތައުބާވުމަށް ޚުތުބާގައި ވަނީ ބުނެފައެވެ.


