ވައިގަދަވުމުގެ ސަބަބުން ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެއިތުރުން، ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށާއި އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން މިފަދައިން އިލްތިމާސްކޮށްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު އަދި ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން މިރޭގެ 21:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު އަދި މިރޭގެ 19:00 އާއި ހަމައަށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.



