ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލްގެ އެޕާތްމެންޓުތައް ފުލުހުންނާއި ހަވާލުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ބައްސާމްގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު މިއަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މިމައްސަލަ ބަލައިގަތުމާއި މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އަމީން އެވެނިއުއިން ބައްސާމް ގަނެފައިވާ ދެ އެޕާޓްމެންޓު މިދިޔަ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން ފުލުހުން ބައްސާމަށް އެންގުމުން ހާލަތަށް ރިއާޔަތްކޮށް ބައްސާމް ވަނީ މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައެވެ. މިއާއިއެކު، ފުލުހުން ވަނީ މުއްދަތު އެއް ދުވަހަށް އިތުރުކޮށްދީނުމަށްފަހު އެޕާޓްމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެފްއޭއެމްގެ ފައިސާއިން ބައްސާމް އެޕާޓްމެންޓު ގަތް މައްސަލައިގައި ފުލުހުން ވަނީ މިހާރު ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިމައްސަލަ ފޮނުވައިފައެވެ. އަދި ބައްސާމްގެ އިތުރުން، އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި ކުރިން އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކުރުމަށް ވަނީ ފޮނުވާފައެވެ. މިމީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައި ވަނީ ހިޔާނާތުގެ ކުށާއި، އޮޅުވާލުމުގެ ކުށް އަދި މަނީ ލޯންޑަރިންގެ ކުށެވެ.



