އައިޖީއެމްއެޗް ސަރަހައްދުގައި އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބެހެއްޓި ޑްރެއިން ސިސްޓަމް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
އަޖީއެމްއެޗް ސަރަހައްދަކީ މާލޭގައި ވާރޭ ވެހިއްޖެނަމަ އެންމެ ފެންބޮޑުވާ އެއްސަރަހައްދެވެ. ބައެއް ފަހަރު ފޫޓަކަށް ފެންބޮޑުވެފައިވާއިރު، މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ސަރުކާރުން ވަނީ މިމައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ވަގުތީ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން އެމަސައްކަތުގެ ތެރެއިން އައިޖީއެމްއެޗް ސަރަހައްދުގައި ޑްރެއިން ސިސްޓަމް މިއަދު ބޭނުންކުރަން ފެށިފައިވާއިރު، މިއަދު އެސަރަހައްދުގައި އެހެން ފަހަރުތައް ފަދައިން ފެން ބޮޑުވެފައިވާ ނުވާކަން ފާހަގަކުރެވެއެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަންގެ ހެޑް ލެފްޓިނެންޓް އަޙްމަދު ފިރުޝާން ވިދާޅުވީ މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަހައްދުތަކުގައި ޤާއިމްކުރަމުންދާ ފެން ހިންދާ ނިޒާމާއެކު، އެ ސަރަހައްދުތަކުން ފެން ހިންދުމަށް ދިވެހި ސިފައިންކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރު މޫދާ ވަރަށް ކައިރީގައި ޕަންޕު ބަހައްޓާ، މަދު އަދަދެއްގެ ޕަންޕު ބޭނުންކޮށްގެން ވަރަށް އަވަހަށް ފެން ހިންދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މި ނިޒާމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވަރަށް ބައިވަރު ފެން އެބަ ބޭރުކުރެވޭ. ގާތްގަނޑަކަށް 1 ގަޑިއިރުގެ ތެރޭގައި މުޅި މާލެ ފެން ހިއްކާލެވޭ ވަރު ވާނެ މި ނިޒާމު ޤާއިމްކޮށް ނިމުމުން.“ ފިރުޝާން ވިދާޅުވިއެވެ.
އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ވިލިމާލެ ފެރީ ޓާމިނަލާ އަދި ވެސްޓް ޕާކު ސަރަހައްދުގައި ވެސް ސަރުކާރުން ވަނީ ފެން ހިންދާ ވަގުތީ ނިޒާމު ސަރުކާރުން ޤާއިމްކޮށްފައެވެ.



