ހުޅުމާލޭގައި މައު ގަސްތައް އިތުރުކޮށް، އެތަނަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަސައްކަތް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން އެބަދެއެވެ.
އެކަމަށްޓަކައި އެޗްޑީސީން ކުރަމުންދާ ބުރަ މަސައްކަތްތަށް ފާހަގަކޮށް އެކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ”އެކްސް“ ގައި ޕޯސްޓެއް ކުރައްވާފައެވެ.
ހުޅުމާލޭގައި މިހާރު އިންދާފައިވާ ރީތި މައު ގަސްތަކެއްގެ ފޮޓޯތަކަކާއެކު ފަޒުލް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ހުޅުމާލެ އިތުރަށް ފެހި ކުރުމަށް މަގުމަތީގައި މައު ގަސް އިންދުމަށް ހިންގަމުންދާ މަސައްކަތުގެ ކުލަ ފެންނަން ފަށައިފި ކަމަށެވެ.
”އުންމީދަކީ މައުގަސް އިތުރުކޮށް، ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުން“ ފަޒުލް ވިދާޅުވެފައިވެއެވެ.
ހުޅުމާލޭގެ ތަރައްޤީއަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ވަނީ މީގެކުރިން ވެސް ވިދާޅުވެފައެވެ.
އެގޮތުން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަށް ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުން ކަމަށާއި ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެ ކަމަށް ގަބޫލު ކުރަން ވާނެ ކަމަށެވެ. ފަޒުލް އިޝާރާތް ކުރެއްވީ ހުޅުމާލޭ ފޭސް 2 ގެ މަގުބައްތިތައް ނުދިއްލި ހުރުމުގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުން ތަކަށެވެ.
ފަޒުލްގެ ވާހަކަފުޅުގައި ހުޅުމާލޭ ފޭސް 2 ގެ މަގުބައްތިތައް ނުދިއްލި ގިނަ ދުވަސްވެފައިވާ ސަބަބު ވެސް ބަޔާން ކޮށްދެއްވާފައިވެއެވެ.
“ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ސަރަހައްދުގެ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރު ކުރެވިފައިވޭ. މަގުބައްތި ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޯގަސްޓު 2024 ގެ ނިޔަލަށް ނިމިފައިވާއިރު، މަގުބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން” އެޗްޑީސީގެ އެމްޑީ ވިދާޅުވެފައިވެއެވެ.



