ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންގެންދާ ލާއިންސާނީ އަދި ބޭއިންސާފުވެރި ހަމަލާތަކުގެ ސަބަބުން އިޒްރޭލާއެކު ހުރިހާ ހާރިޖީ ގުޅުމެއް ކަނޑާލަން ނިކަރަގުރާގެ ސަރުކާރުން އިއްޔެ ނިންމައިފިއެވެ.
ނިކަރަގުއާގެ ނައިބު ރައީސް ރޮސާރިއޯ މުރިއްލޯ އިއްޔެ މިކަން އިއުލާނު ކުރެއްވީ، ޣައްޒާއަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެމުންގެންދާތާ އެއް އަހަރު ވެފައިވުމުން، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށް ބުނެ ބާއްވާފައިވާ ކޮންގްރެސް ބައްދަލުވުމުގެ ތެރެއިންނެވެ.
ރޮސާރިއޯ އަކީ ނިކަރަގުއާގެ ނައިބު ރައީސްގެ އިތުރުން އެޤައުމުގެ ރައީސް ޑެނިއެލް އޯޓެގާގެ އަނބިކަނބަލުން ވެސް މެއެވެ. އެހެންކަމުން އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރޮސާރިއޯ ވިދާޅުވީ އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކުރައްވާ ކަމަށާއި އެހެންކަމުން އެޤައުމާއެކު އޮތް ހުރިހާ ހާރިޖީ ގުޅުމެއް މިހާރުން މިހާރަށް ކަނޑާލުމަށް އެކަމަނާގެ ފިރިކަލުން ނިކަރަގުއާ ސަރުކާރަށް ގޮވާލާފައިވާ ކަމަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ނިކަރަގުއާ ސަރުކާރުގެ މި ނިންމުމަކީ ތާރީޚީ ނިންމުމެކެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި އެއްވެސް ބޮޑު ޤައުމަކަށް އަޅަން ނުކެރުނު ފިޔަވަޅެއްކަން ވެސް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ.
އިޒްރޭލުން މިހާރުވެސް ގެންދަނީ ޣައްޒާއަށާއި ލުބްނާނަށް ހުއްޓުމެއްނެތި ހަމަލާތައްދީ އެތައް ބަޔަކު މަރާލާ، ޒަހަމް ކުރަމުންނެވެ.




