ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން ހ. އެއްގަމުގޭ އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ މިއަދު އަވަހާރަވެއްޖެއެވެ.
އައްނަބީލާ ޚަދީޖާ ދީދީއަކީ އިބްރާހީމް ފާމުދޭރި ކިލޭގެފާނުގެ އެންމެ ހަގު ދަރިކަލުންނެވެ. އެކަމަނާ އަވަހާރަވީއިރު އުމުރުފުޅުންވީ 68 އަހަރެވެ.
ސަރުކާރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚަދީޖާ އިބްރާހީމް ދީދީ ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާޢާއި ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމަނާ ކޮށްދެއްވި ޚިދުމަތްތައް ފާހަގަ ކުރައްވާފައެވެ. އަދި އަވަހާރަވީ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައިގައި ކަމަށާއި މިފަދަ ހިތްދަތި ދަނޑިވަޅެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ، އާއިލާއަށް ތަޢުޒިޔާ ދަންނަވާފައިވެއެވެ.
ޚަދީޖާ އިބްރާހީމް ދީދީގެ ކަށުނަމާދު އޮތީ މިއަދުގެ މަޣްރިބު ނަމާދަށްފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތު) ގައެވެ.
މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމާ ޚަދީޖާ އިބްރާހީމް ދީދީ ލަހައްޓަވާށިއެވެ. އާމީން.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ



