ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ގއ. ކޫއްޑޫ އެއާޕޯޓަށް ކުރަމުންދާ ދަތުރުތައް މެދުކަނޑާލީ ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ލިބިގެން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަރަށް އަވަހަށް މިމައްސަލަ ހައްލުކޮށް އެއާޕޯޓު އާންމު ހާލަތަށް ގެނެވޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއަރޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ލިބުނު ގެއްލުމާއި ގުޅިގެން ކަމަށެވެ.
މޯލްޑިވިއަން ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން އެކުންފުނިން ވަނީ ކޫއްޑޫ އެއާޕޯޓަށް ދަތުރުއެޅުން ވަގުތީ ގޮތުން މެދު ކަނޑާލާފައިވާއިރު، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތީން ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ހާލަތަށް ގެނެވޭނެ،“. އޭނާ ވިދާޅުވިއެވެ.




