ސްޓެލްކޯގެ މޯލްޑިވްސްގެ ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، އެކުންފުނީގެ 469 މުވައްޒަފުން ފުރިހަމަކޮށްފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ 9 ވަނަ ބެޗް ކާމިޔާބުކަމާއިއެކު ނިންމާލުމަށްފަހު، 51 ޓީމް މެންބަރުން ގިރިފުށި ޓްރެއިނިން ސެންޓަރުން ރައްކާތެރިކަމާއެކު އެނބުރި އައިސްފައިވާ ކަމަށެވެ.
ފަހުމީ ވަނީ މިޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގެންކަމަށްޓަކައި ޔޫތް މިނިސްޓަރު އަބްދުﷲ ރާފިއުއަށް ޝުކުރު ދަންނަވާފައެވެ. އަދި މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފްގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ސިފައިންގެ ޗީފް ކޮމާންޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މިހާތަނަށް މިޕްރޮގްރާމްގެ 9 ބެޗު ކުރިއަށް ގެންގޮސް 469 މުވައްޒަފުން ތަމްރީނު ކުރެވިފައިވާއިރު، މި ޕްރޮގްރާމަކީ ވަރުގަދަ ލީޑަރޝިޕެއް އުފެއްދުމަށާއި އުޖާލާ މުސްތަޤުބަލަކަށް ކުރިއަށް ދިއުމަށް ސްޓެލްކޯއިން ދެމެހެއްޓެނިވި ގޮތެއްގައް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.




