މިއަހަރު ބާއިމްތިހާނުގައި 183 ފަރާތަކުން ބައިވެރިވެފައިވާކަމަށް ބާ ކައުންސިލުން ބުނެފިއެވެ.
ބާ ކައުންސިލުން އާއްމުކޮށްފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ މިއަހަރުގެ އިމްތިހާނުގައި 183 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި މިއާއިއެކު، 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 505 ފަރާތަކުން ބާ އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށެވެ.
މައިގަނޑު 6 ދާއިރާއަކުން 120 ’މަލްޓިޕްލް ޗޮއިސް‘ ސުވާލުގެ މައްޗަށް ދިވެހި އަދި އިނގިރޭސި ބަހުން ތައްޔާރުކުރެވިފައިވާ މިއިމްތިހާނުގައި ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ގާނޫނީ އިލްމާއި ހުނަރު އަލަށް ނުކުންނަ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށާއި ފެންވަރު ވަޒަން ކުރެވޭނެ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރު ގާނޫނީ ވަކީލުންނާއި، ގާނޫނީ ތައުލީމު އުނގަންނައިދޭ ބޭފުޅުންނާއި އަދި ފާނޑިޔާރުން ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ ކޮމިޓީއަކުން ބާ އިމްތިމާނުގެ ސިލަބަސް އެކުލަވާލައިފައިވާއިރު، މިއަހަރުގެ ބާ އިމްތިހާނު އިމްތިޒާމުކޮށްފައި ވަނީ ރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ބާ އެސޯސިއޭޝަނާއި ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަނޭޝަނަލް އެއިޑް(ޔޫއެސްއޭއައިޑީ)ގެ އެހީތެރިކަމާއެކުގައި ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.
ބާ އިމްތހާނުން ފާސްވުމަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލަކަށްވުމަށްޓަކައި ފުރިހަމަވާންޖެހޭ އަސާސީ ތިން ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތެވެ. މިޝަރުތުގެ އިތުރުން، ބާ ކައުންސިލުން ގަބޫލުކުރާ ގާނޫނީ ދައީރާގެ ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމުގެ އިތުރުން، ގާނޫނީ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދުމަށް ފުރިހަމަކުރަންޖެހޭ ލައިސެންސިން ތަޖުރިބާ ވެސް ފުރިހަމަ ކުރަން ޖެހެއެވެ.



