މީސްމީޑިއާއަށް ބަލާލިޔަސް މިދުވަސްކޮޅު އެންމެ ގިނައިން ފެންނަ ޕޯސްޓުތަކަކީ، އަދި މީހުންގެ ތުންތުންމަތިން އެންމެ ދެކެވޭ ވާހަކައަކީ ވެސް މިއަހަރުގެ މިހާތަނަށް ކުރެވުނު އެންމެ ބޮޑު ކައިވެނީގެ ވާހަކައެވެ.
އެއީ ބ. ކަމަދޫގެ ޢީދު ޝޯއިން މަޝްހޫރުވި ނެށުންތެރިޔާ އާމިނަތު ޒާރާ އާއި ސަން ޓްރެވެލްސްގެ ޗެއާޕަރސަން އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ކައިވެނީގެ ވާހަކައެވެ.
ސިޔާމްގެ އޮޅުވެލި ރިސޯތުގައި ބޭއްވި ރަން ކިޔުމުގެ ޚަފްލާއިން ފެށިގެން ހަމަ އެ ރިސޯޓުގައި ބޭއްވި އެދެމަފިރިންގެ ކައިވެނި ވެސް ޚަފްލާވެސް ބާއްވާފައިވަނީ އެހާމެ ކުލަގަދަކޮށް، މައު ތަކުން ޖަރީކޮށްފައެވެ. އަދި އެ ޚަފްލާތަޖުގައި ބައިވެރިވީ މީހުންނަށް މީރު ޖާފަތެއް ދިނުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވެސް ބާއްވާފައިވެއެވެ. އެ ހަރަކާތްތަކުގައި ޒާރާ ވެސް ބައިވެރިވެ ފުރިހަމަ ހުށަހެޅުންތަކެއް ހުށަހަޅާދީފައިވެއެވެ. މި ދެ ޚަފްލާއަށް ވެސް އާންމުންގެ ގިނަ މީހުންގެ ސަމާލުކަން ވެސް ލިބިފައިވެއެވެ.
ރާއްޖޭގެ ގިނަ މީހުން އެ ކައިވެނި ސިފަ ކޮށްފައިވަނީ ރާއްޖޭގެ ”އަންބާނީ ކައިވެނީގެ“ ގޮތުގައެވެ. އަދި އެ ކައިވެނީގެ ޚަފްލާގައި އޮޅުވެލި ރިސޯޓުގައި ހަވާވެސް އަރުވާފައިވެއެވެ.
ޒާރާއާއި ސިޔާމްގެ ކައިވެނީގެ ޚަފްލާއަށްފަހު އެދެމަފިރިންގެ ކައިވެނީގެ އުފާފާޅު ކުރުން ނިމުނީކީ ނޫނެވެ. އެދެމަފިރިން ވަނީ ކަމަދޫގައި ވެސް އެކަން ދަމަހައްޓާފައެވެ.
އެގޮތުން ކަމަދޫގައި އެކަމަށްޓަކައި ރޭގައި ބޮޑު ޖާފަތެއް ތައްޔާރުކޮށް، އެތައް ބަޔަކަށް ދައުވަތު ދީފައިވެއެވެ. އެ ޚަފްލާގެ ބައެއް ވީޑިއޯތަކާއި ފޮޓޯތައް މިހާރު މީސްމީޑިއާގައި ވެސް ހަލުވިކަމާއެކު ދައުރުވަމުން އެބަދެއެވެ.
މައުތަކުން އެ ޚަފްލާވެސް ޖަރީ ކޮށްފައިވާއިރު، ޒާރާއާއި ސިޔާމް ބޮޑު ކޭކެއް ފަޅާ މަންޒަރު ވެސް ފެނެއެވެ. އަދި ދެމަފިރިން އެކުއެކީގައި، ހަވާ އަރުވާ މަންޒަރު ވެސް ވަރަށް ލޯބިން ބަލާލަން ތިބޭ މަންޒަރު ފެނެއެވެ.
ރަން ކިޔުމާއި ހަމައިން ރޭގައި ބޭއްވި ޚަފްލާއާ ހަމައަށް، މައު ތަކުން އެ ޚަފްލާތައް ޖަރީކޮށްފައި އޮތުމުގެ އިތުރުން ފާހަގަ ކޮށްލެވޭ އަނެއްކަމަކީ، އޭގެ ކޮންމެ ޚަފްލާއެއްގައި ވެސް ދެމަފިރިން ލައިގެން ހުރި ކުލައެވެ. އެގޮތުން ރަން ކިޔުމުގެ ޚަފްލާގައި ވެސް ދެމަފިރިން ލައިގެން ތިބީ ހުދު ކުލައެވެ. އަދި ކައިވެނި ކުރިއިރުއާއި، އޮޅުވެލީގައި ބޭއްވި ކައިވެނީގެ ރިސެޕްޝަންގެ އިތުރުން ކަމަދޫގައި ރޭގައި ބޭއްވި ޚަފްލާގައި ވެސް ދެމަފިރިން ލައިގެން ތިބީ ހުދު ކުލައެވެ. މިކަމުގައި އޮތް ޚާއްސަކަމަކީ ނުވަތަ ސަބަބަކީ ކޮބައިކަމެއް އަދި އެނގިފައެއް ނުވެއެވެ.


